މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުން

މާބަނޑުވުމަކީ ހަށިގަނޑުގައި ލޭދައުރުވާ މިންވަރު އިތުރުވާނެ ކަމެކެވެ. ނޫނީ ލޭގެ މިންވަރު އިތުރުވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމަކީ ވެސް ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. އެގޮތުން ފައިބާ ލޭގެ ކުލަ ހުންނަނީ ރަތްކުލައިން ފެށިގެން ގޮސް، މުށިކުލަ އާއި އެއްގޮތް ގޮތަކަށެވެ. ގިނަ ފަހަރު މިލޭކުލަ އާންމުކޮށް މައްސަރު ޖެހުމުން އަންނަ ލޭގެ ކުލައަށްވުރެ އަލިވާނެ އެވެ.

މާބަނޑުވާތާ ކުރީކޮޅު ކުރިމަތި ފަރާތުން ލޭފޭބުމަކީ އާންމު ކަމެކެވެ. މާބަނޑުވާ ކޮންމެ 5 އަންހެނުންގެ ތެރެއިން އެކަކަށް ކުރިމަތި ފަރާތުން ލޭފޭބުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ދަރިމައިނުވުމުގެ ފަރުވާގައި ހެދޭ “އައިވީއެފް” ފަދަ ކަމެއް މެދުވެރިކޮށްގެން ބަލިވެއިންކަމުގައިވާނަމަ، މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމުގެ ފުރުޞަތު ބޮޑެވެ.

ސަބަބު

މާބަނޑުވާތާ ކުރީކޮޅު މަދުމަދުން (ދެތިން ދުވަހަށް) ނޫނީ ކުޑަކުޑަކޮށް ކުރިމަތި ފަރާތުން ލޭފޭބުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމަށް މެދުވެރިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

 • މައްސަރު ކަންތައް ކޮންޓްރޯލްކުރާ ހޯރމޯންތަކުގެ ސަބަބުން ލޭފޭބުން މެދުވެރިވުން
 • މުޑުވަށްވެފައިވާ ބިސް ރަހިމުގެ ފާރުގެ ތެރޭގައި (ރަހިމުގައި) ގަރުބަގަންނަ ވަގުތު ލޭފޭބުން
 • މާބަނޑު ހޯރމޯންތަކުގެ ސަބަބުން ރަހިމުގެ ދޮރުގެ ސަތަހައަށް އަންނަ ބަދަލުތަކުގެ ސަބަބުން ލޭފޭބުމަށް މަގުފަހިވުން
 • ރަހިމުގައި ފައިބްރޮއިޑް އުފެދުން
 • ރަހިމުގެ ދޮރުގައި ކުޑަކުޑަ ޕޮލީޕް އެއް އުފެދުން
 • ރަހިމުގައި ނޫނީ ކުރިމަތި ފަރާތުގައި އިންފެކްޝަނެއް އުފެދުން
 • ލޭމަނާވުމަށް ހުރަސްއަޅާ ބައްޔެއްހުރުން
 • މާބަނޑު ދުވަސްވަރު ޖިންސީގުޅުން ހިންގުން
 • މާބަނޑު ދުވަސްވަރު ޖިންސީ ގުނަވަންތައް ހިމެނޭ ހިސާބު ބަލައިހެދުން

މީގެ އިތުރުން ކުރިމަތި ފަރާތުން ލޭފޭބުމަށް މެދުވެރިވާ، އޭގެ ސަބަބުން ނުރައްކަލެއް ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި:-

 • ބައިގެން ދިއުން
 • ރަހިމުން ބޭރުގައި ގަރުބަގަތުން
 • ނުބައިތަނެއްގައި މަސްއުފެދުން
 • މަހުން ބައެއް ރަހިމުން ވަކިވުން
 • ސަބަބެއް އެނގެން ނެތި ލޭފޭބުން

މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފައިބާނަމަ ހަދާނީ ކިހިނެއް؟

މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފައިބާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. ލޭފޭބުމަކީ ފަހަރުގައި ވަރަށް އާދައިގެ ކަމަކަށް ނޫނީ ވަރަށް ނުރައްކާތެރި ކަމަކަށް ވެސް ވެދާނެ އެވެ. ޑޮކްޓަރަށް ދައްކައި، ޑޮކްޓަރު ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން މުހިއްމެވެ.

ގިނަ ފަހަރު ޑޮކްޓަރަށް ދެއްކުމުން ކުރިމަތި ފަރާތް ބަލައި ހަދައިފާނެ އެވެ. ސްކޭން ކޮށްގެންނާއި، އެހެނިހެން ޓެސްޓުތަކުގެ އެހީގައި ބަނޑުގައިވާ ދަރިފުޅު އޮތީ ހެޔޮހާލުގައިތޯ ޔަގީން ކުރެވިދާނެ އެވެ. އެންމެ މުހިއްމު ކަމަކީ މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭއަންނަނީ ކީއްވެގެންތޯ ބަލައި ހޯދުމެވެ. އަދި އެހޯދުނު ސަބަބަކަށް ކުރަންޖެހޭ ފަރުވާއެއް ކުރުމެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭ އަންނަނަމަ، އަރާމު ކުރުމަކީ ވެސް ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ.

މައުލޫމާތު :

http://www.babycentre.co.uk/a3081/vaginal-spotting-or-bleeding-in-pregnancy
http://www.babycenter.com/0_vaginal-bleeding-or-spotting-during-pregnancy_3081.bc

މިވެސް މުހިންމު