އާފަލަކީ ވެސް ޞިއްޙަތަށް ފައިދާހުރި މޭވާ އެކެވެ. އާފަލްގެ ތަފާތު ކުލަތަކާއި، ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ތަފާތު ވިޓަމިންގެ ބާވަތްތަކާއި، މައުދަންތަކާއި، އެހެނިހެން ހަށިގަނޑަށް ބޭނުންތެރި މާއްދާތަކުން މުއްސަދި މޭވާ އެކެވެ. މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ސެލަޑް ފަދަ ކާތަކެތީގައި ހިމަނައިގެން ވެސް އާފަލް ބޭނުން ކުރެއެވެ.
އާފަލުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް
- ކަށިތައް ރައްކާތެރިކުރުން: ފަރަންސޭސި ވިލާތުގެ ދިރާސާ ކުރާ ފަރާތްތައް ވަނީ އާފަލުން ފްލޭވޮނޮއިޑް އެއް ކަމުގައިވާ “ފްލޯރިޑްޒިން” ކިޔާ މާއްދާއެއް ހޯދާފައެވެ. މިއީ އިއްދައިން ކެނޑިފައިވާ އަންހެނުންނަށް ކަށިފީވުމުގެ މައްސަލައިން މިންޖުކޮށްދީފާނެ، މާއްދާއެއް ކަމަށްވަނީ ބެލެވިފައެވެ. އަދި މިއީ ކަށިތައް ވަރުގަދަކޮށްފާނެ މާއްދާއަކަށް ވެދާނެ ކަމަށް ވެސް ބުނެއެވެ. އާފަލްގައި “ބޯރޯން” ހުރުމަކީ ވެސް ކަށިތައް ވަރުގަދަކޮށް، ރައްކާތެރިކުރުމުގައި އާފަލް ބޭނުންކުރުން އެހީއަކަށް ވާނެ ކަމެކެވެ.
- ނޭވާހިއްލުމަށް ލުއިކަން ގެނެސްދިނުން: ވަރަށް ފަހުން ހަދާފައިވާ ދިރާސާއަކުން އެގުނުގޮތުގައި ނޭވާހިއްލާ ކުދިންގެ ތެރެއިން ކޮންމެ ދުވަހަކު އާފަލު ޖޫސް ބޭނުންކުރާ ކުދިން، ނޭވާލާއިރު އަޑު ހުންނަ މިންވަރު މަހަކު އެއްފަހަރު އާފަލު ޖޫސް ބޭނުންކުރާ ކުދިންނަށްވުރެ ކުޑައެވެ. އެހެން ދިރާސާއެއްގައި ބުނެފައިވަނީ މާބަނޑު ދުވަސްވަރު އާފަލު ބޭނުންކުރާ މައިންނަށް ލިބޭކުދިންނަށް ނޭވާހިއްލުން ކުރިމަތިވުމުގެ ފުރުޞަތު އެފަދައިން ކަންތައް ނުކުރާ މީހުންގެ ކުދިންނަށްވުރެ ކުޑަ ކަމަށެވެ.
- އެލްޒެއިމާ ބަލިން ރައްކާތެރިކޮށްދިނުން: އެލްޒެއިމާ އަކީ އުމުރުން ދުވަސްވުމުން ސިކުނޑީގެ ހަދާނާއި ބެހޭ ބަޔަށް ދިމާވާ އުނިކަމެކެވެ. ކޯރނެލް ޔުނިވަސިޓީގައި މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި އާފަލުގައި ހިމެނޭ “ކުއެރެސްޓިން” އަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ގެއްލުންވުން ކުޑަކޮށް، އެލްޒައިމާ ބަލި ޖެހުމުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދާނެ މާއްދާ އެކެވެ. އަދި އާފަލުގައި ނިއުރޯޓްރާންސްމިޓަރ އެއްކަމަށްވާ “އެސީޓައިލްކޯލިން” ވެސް ހުންނަކަމަށް ބުނެއެވެ.
- ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުން: އާފަލުގައި ހިމެނޭ ފެނަށްގިރޭ ފައިބަރު “ޕެކްޓިން” އަކީ އެހެން މާއްދާތަކާއި ގުޅިގެން، ހަށިގަނޑުގައި ހިމެނޭ ނުރަގަޅު ސަރުބީ ގެ މިންވަރު ދަށްކުރާ އެއްޗެކެވެ. އެގޮތުން ޕެކްޓިން ސަރުބީ އާއި ތަތްވެ، ޕެކްޓިން އާއެކު ސަރުބީ ހަށިގަނޑުން ބޭރުކުރެއެވެ. ދުވާލަކު ގަވާޢިދުން 2 އާފަލު ކާނަމަ، އެމީހެއްގެ ހަށިގަނޑުގެ ސަރުބީގެ މިންވަރު 16 އިންސައްތަ ދަށްވުމުގެ ފުރުޞަތު އޮންނަ ކަމަށް ބުނެއެވެ. ފްރާންސްގެ އިންސްޓިޓިއުޓަކުން ދިރާސާއެއް ހެދުމަށްޓަކައި މެދުއުމުރުގެ ޞިއްޙަތު ސަލާމަތުން ހުރި 30 މީހުންނަށް އެއް މަސްވަންދެން ދުވާލަކު 2 ނުވަތަ 3 އާފަލު ކާންދެވުނެވެ. މަހެއް ފަހުން އެގުނު ގޮތުގައި ދިރާސާގައި ބައިވެރިވި މީހުންގެ %80 މީހުންގެ ލޭގެ ކޮލެސްޓްރޯލް ހުރި މިންވަރު ވަނީ ދަށްވެފައެވެ.
- ކެންސަރުން ރައްކާތެރިވުން: އާފަލްގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އާފަލު ބޭނުންކުރުމުން ތަފާތު ކެންސަރުގެ ބާވަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އެމެރިކަން އެސޯސިއޭޝަން އޮފް ކެންސަރ ރިސާރޗް އިން ހާމަކޮށްފައިވާ ގޮތުގައި ފްލޭވޮނޯލް އިން މުއްސަދި އާފަލު ބޭނުންކުރުމަކީ އެކި ކަހަލަ ކެންސަރުތައް ޖެހުމުގެ ފުރުޞަތު 23 އިންސައްތަ ދަށްކޮށްދޭ ކަމެކެވެ. ކޯރނެލް ޔުނިވަސިޓީގެ ސައިންވެރިން ވަނީ އާފަލުގެ ބޭރު ތޮށިން “ޓްރައިޓަރޕީނޮއިޑްސް” ކިޔާ މާއްދާތަކެއް ހޯދާފައެވެ. މިއީ އުރަމަތި، ފުރަމޭ، ގޮހޮރު ފަދަ ތަންތަނުގައި އުފެދޭ ކެންސަރާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެކެވެ.
- ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދިނުން: 10 ހާސް މީހުން ބައިވެރިކުރި ދިރާސާއަކުން ދައްކާގޮތުގައި އެދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އާފަލް ގިނައިން ކާމީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ 50 އިންސައްތަ ދަށެވެ. ދިރާސާކުރާ ފަރާތްތަކުގައި ގަބޫލުކުރާ ގޮތުގައި މީގެ ސަބަބަކީ އާފަލްގައި ގިނަ އަދަދަކަށް އެކުލެވޭ ފްލޭވޮނޮއިޑްގެ ދެބާވަތް ކަމުގައިވާ “ކުއެރެސްޓިން” އަދި “ނެރިންޖިން” އެވެ.
- އުރަމަތީގެ ކެންސަރުން ރައްކާތެރިކޮށްދިނުން: ކޯރނެލް ޔުނިވަސިޓީގައި މީދާ ބޭނުންކޮށްގެން ދިރާސާއެއް ހެދިއެވެ. އެއިން އެނގުނު ގޮތުގައި ދުވާލަކު އެންމެ އާފަލެއް މީދަލަށް ދިނުމުން، އުރަމަތި ކެންސަރު ޖެހުމުގެ ފުރުޞަތު 17 އިންސައްތަ ދަށްވި އެވެ. 3 އާފަލު ދިނުމުން 39 އިންސައްތަ ދަށްވިއިރު، 6 އާފަލު ދިނުމުން 44 އިންސައްތަ ދަށްވެގެން ގޮސްފައި ވެއެވެ.
- ގޮހޮރުގެ ކެންސަރުން ރައްކާތެރިވުން: ދިރާސާއެއްގައި އާފަލުގެ ތޮށި މީދަށް ކާންދިނުމުން އެމީދާތަކަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 43 އިންސައްތަ ދަށްވެފައިވާކަން ފާހަގަވި އެވެ. އެހެން ދިރާސާއަކުން އެނގިފައިވާ ގޮތުގައި، އާފަލުގައި ހިމެނޭ ޕެކްޓިން އަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީ، ހަޖަމުކުރުން ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެމެރިކާގެ ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓް އިން ގޮހޮރުގެ ކެންސަރުން ރައްކާތެރިވެ ހުރުމަށް ފައިބަރު ގިނަ ކެއުން ބޭނުން ކުރުމަށް އިރުޝާދު ދެއެވެ.
- ފުރަމޭގެ ކެންސަރުން ރައްކާތެރިވުން: ދިރާސާއެއްގައި އާފަލުގެ ތޮށި މީދަށް ކާންދިނުމުން އެމީދާތަކަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 57 އިންސައްތަ ދަށްވެފައިވާކަން ފާހަގަވި އެވެ.
- ހަކުރު ބަލިން ރައްކާތެރިވުން: އާފަލުގައި ހިމެނޭ “ޕެކްޓިން” އިން ހަށިގަނޑަށް “ގެލެކްޓިޔުރޮނިކް އެސިޑް” ހަށިގަނޑަށް ފޯރުކޮށްދެއެވެ. މިއީ ހަށިގަނޑު އިންސިއުލިން ބޭނުންވާ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. އަދި މިއީ ހަކުރު ބަލިން ރައްކާތެރިވުމަށް އެހީތެރިވެދީފާނެ ކަމެއްކަމަށް ބެލެވެއެވެ. އަދި އާފަލްގައި ހިމެނޭ އެސިޑް ގެ 90އިންސައްތަ އަކީ މެލިކް އެސިޑް އެވެ. ތަބީއީ ހަކުރުގެ ގޮތުގައި ގުނޭ ސަކްރޯޒް އަދި ފަރަކްޓޯޒް ވެސް ގިނަ އަދަދަކަށް އާފަލްގައި ހުރެއެވެ. މިބުނި ތަބީއީ ހަކުރުގެ މާއްދާތަކަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗަކަށް ނުވާތީ އާފަލް ވެފައިވަނީ ހަކުރުބަލީގެ އަހުލުވެރިންނަށް ފައިދާ ހުރި ކާނާއެއް ކަމުގައެވެ. މީގެ އިތުރުން ސިޓްރިކް އެސިޑް އަދި ޓާރޓެރިކް އެސިޑް ވެސް އެކުލެވިގެން ވެއެވެ. ކޮންމެ ދުވަހަކު މަދުވެގެން އެންމެ އާފަލެއް ކާ އަންހެނުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުޞަތު 28 އިންސައްތަ ކުޑަކަމަށް ވެއެވެ.
- ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުން: ވަރަށް ގިނަ ދިރާސާތައް ބުނާގޮތުގައި ފައިބަރު ގިނަ ކެއުމެއް ބޭނުންކުރުމަކީ ފައިބަރުގެ ސަބަބުން ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ކޮބަޑިގަނޑެއްގެ ސިފައިގެ ތަތްވެ، ހަރުލުން ކުޑަކޮށް ދެއެވެ. އާފަލުގެ ތޮށީގައި ހުންނަ “ފީނޮލިކް ކަމްޕައުންޑް” ތަކަކީ ވެސް ސަރުބީ ލޭގެ ތެރެއަށް ގޮސް ލޭހޮޅިތަކުގައި ހަރުލުން ކުޑަކޮށްދޭ މާއްދާ ތަކެކެވެ. ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ ހަރުވުމުން ލޭދައުރުވުމަށް ހުރަސްއަޅައި، ކްރޯނަރީ އާޓަރީގެ ބަލިތައް ފެންމަތިވެގެން ދެއެވެ.
- ފިތުގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދިނުން: ފިތުގައި ހިލަ އުފެދެނީ “ބައިލް” ގައި ސަރުބީ މާގިނައިން ހުންނަގޮތް ވުމުންނެވެ. މިހެންވުމުން ސަރުބީތައް ހަރުވެ، ހިލަ އުފެދެއެވެ. މިކަން ފަލަމީހުންގެ ކިބައިން (ފިތުހިލައިގެ މައްސަލަ) ބޮޑަށް ފާހަގަވާނެ އެވެ. ފިތުހިލައިން ރައްކާތެރިވުމަށް ޑޮކްޓަރުން އިރުޝާދު ދެނީ ފައިބަރު ގިނަ ކެއުން ބޭނުންކޮށްގެން، ސަރުބީ ދަށްކުރުމާއި، ބަރުދަން ލުއިކުރުމެވެ.
- ހަޖަމުކުރާ ނިޒާމާއި ގުޅުންހުރި ބައެއް މައްސަލަތަކަށް ލުއިކަން ފޯރުކޮށްދިނުން: އާފަލުގައި ފައިބަރު ގިނައިން ހުރުމަކީ ބަނޑުހިކުމުން ދުރުކޮށްދޭނެ ކަމެކެވެ. އަދި ބަނޑުހިކުން މެދުވެރިވެފައިވާނަމަ، ބަނޑު ސާފުކޮށް ފަސޭހަކޮށްދޭނެ ކަމެކެވެ. ގޮހޮރުގެ ބައްޔެއް ކަމުގައިވާ “އިރިޓަބަލް ބަވަލް ސިންޑްރޯމް” އަކީ އެކަމުގެ ސަބަބުން، ބަނޑުހިކުން، ބޭރަށްހިންގުން، ބަނޑުގައި ރިހުން، އަދި ވައިބޭރުވުން ކުރިމަތިކުރުވާ ބައްޔެކެވެ. މިބަލީގެ އުދަނގޫ ކުޑަ ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެނީ ފައިބަރު ގިނަ ކެއުން އިޚްތިޔާރުކުރުމަށާއި، ކެއުމުގައި ތެލުގެ ބައި މަދުކުރުމަށެވެ. މީގެ އިތުރުން ފައިބަރު ގިނައިން ބޭނުންކުރާނަމަ، ފުރަގަސް ފަރާތް ފޭބުން ފަދަ މައްސަލަތަކުން ދުރުކޮށް ދެއެވެ.
- ދަތްތަކާއި ހިރުގަނޑުގެ ދުޅަހެޔޮކަނ ދެމެހެއްޓުން: އާފަލު ކައި ހަފައި ހެދުމަކީ އަނގައިގެތެރޭގައި ހުންނަ ކުޅުބޭރުކުރާ ގޮށްތަކުން ކުޅު ދޫކުރުމަށް ބާރުއަޅާ ކަމެކެވެ. މިއީ އަނގައިގެ ތެރޭގައި ހުންނަ ބެކްޓީރިޔާ ފަދަ ޖަރާސީމްތައް މަދުކޮށް، ދަތްފަނިކެއުމުން ދުރުކޮށްދޭނެ ކަމެކެވެ.
- ތުރުތުރުއަޅާ ބަލިން ރައްކާތެރިކޮށްދިނުން: ދިރާސާތަކުން އެނގޭގޮތުގައި އާންމުކޮށް ތަރުކާރީ އާއި މޭވާ ފަދަ ފައިބަރު ގިނަ ކެއުންތައް ބޭނުންކުރުމަކީ ތުރުތުރުއަޅާ ބަލިން ކޮންމެވެސް ވަރަކަށް ރައްކާތެރިކޮށްދޭ ކަމެކެވެ. ތުރުތުރުއަޅާ ބައްޔަކީ ސިކުނޑީގައި “ޑޮޕަމީން” އުފައްދާ ނާރުސެލްތައް ހަލާކުކޮށްލާ ބައްޔެކެވެ. އަދި އެންޓި އޮކްސިޑެންޓް ތައް އާފަލުގައި ހުރުމަކީ ވެސް މިކަމަށް ވާގިވެރިވެދޭ ކަމެކެވެ.
- ފުރަމޭއިން ވިހަ ސާފުކުރުން: އަހަރެމެން ކާން ބޭނުންކުރާ ކާނާއާއި، ބޭސް ފަދަ އެއްޗެތީގެ ތެރެއިން އަބަދުވެސް ތަފާތު ވިހަތައް ހަށިގަނޑަށް ވަދެއެވެ. ހަށިގަނޑުން ވިހަ ސާފުކުރުމުގައި ޒިންމާވާ މައިގަނޑު ގުނަވަނަކީ ފުރަމޭ އެވެ. އެގޮތުން ބުނެވޭ ގޮތުގައި ހަށިގަނޑުން ވިހަ ސާފުކުރުމަށް އެންމެ ކަމުދާ އެއް މޭވާ އަކީ އާފަލެވެ.
- ހަށިގަނޑު ދިފާޢީ ބާރު ރަގަޅުކުރުން: ރަތް އާފަލުގައި ކްއެރެސްޓިން ހުރެއެވެ، މިއީ ދިފާޢީ ނިޒާމްގެ މަސައްކަތްތައް ރަގަޅުކޮށް، ހަރުދަނާކޮށް، ދިފާޢީ ބާރު ވަރުގަދަކޮށްދޭ ކަމެކެވެ.
- ލޯފުސްވުމުން ރައްކާތެރިކޮށްދިނުން: ދިރާސާތައް ބުނާގޮތުގައި އެންޓި އޮކްސިޑެންޓްގެ ވައްތަރުތައް ގިނަ މޭވާ ތައް ބޭނުންކުރުމަކީ އޭގެ ސަބަބުން ލޯފުސްވުން ފަދަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު 15-10 އިންސައްތަ ދަށްކޮށްދޭ ކަމެކެވެ.
އެހެނިހެން ފައިދާތައް :-
- ފައިބަރު ގިނަ އަދަދަކަށް އެކުލެވޭތީ ބަނޑުހިކުމުން ވެސް އާފަލު ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ.
- އާފަލުގައި ފެނުގެ ބައި މަތީ އަދަދަކަށް އެކުލެވޭތީ ހުންގަދަ ވެފައި ވާނަމަ އާފަލް ކެއުމުން ހުންތިރިވެގެން ދިއުމަށް އެހީތެރިވެދެއެވެ.
- އާފަލްގެ ވަހަކީ އެރޯމާ ތެރަޕީގެ ދުނިޔޭގައި އެވަހުގެ ސަބަބުން ހަމަޖެހުމާއި މަޑުމައިތިރިކަން ހޯދައިދިނުމަށް ބޭނުން ކުރެވޭ އެއްޗެކެވެ.
- ބަރުދަން ލުއިކުރުމަށް ވެސް އާފަލު ބޭނުންކުރުން އެހީއަކަށް ވެއެވެ.
- އާންމުކޮށް އާފަލް ފަދަ މޭވާ ކާނަމަ ބަލިތަކާއި ދުރުކޮށް ދެއެވެ.
- ގުރުދާގެ ހިލަ އުފެދުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ.
މައުލޫމާތު:-
http://www.healthdiaries.com/eatthis/10-health-benefits-of-apples.html http://besthealthmag.ca/eat-well/nutrition/15-health-benefits-of-eating-apples http://len7288.hubpages.com/hub/Health_Benefits_of_Apple http://www.whole-food-supplements-guide.com/health-benefits-of-apples.html