މަސްތަކުގެ ނިޒާމު

މަސްތަކުގެ ނިޒާމު

މަސްތަކުގެ ނިޒާމް (muscular system) އަކީ އިންސާނާ އަށް ހަރަކާތްތެރިވެ އުޅުމުގެ ގާބިލިއްޔަތު ހޯދައިދޭ ޙަޔަވީ ނިޒާމެވެ. މައިބަދަ ހުންނަ ޖަނަވާރު ތަކުގައި މަސްތަކުގެ ނިޒާމްގެ މަސައްކަތްތައް ކޮންޓްރޯލް ކުރަނީ ނާރުތަކުގެ ނިޒާމުންނެވެ. ނަމަވެސް ބައެއް ކަހަލަ މަސްތަކަކީ މިސާލަކަށް ހިތުގައިވާ މަސްތައް އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތްކުރާ މަސްތަކެކެވެ.

މަސް 

މަހަކީ އިންސާނާގެ ހަށިގަނޑުގައި ކޮންޓްރެކްޓްވުމުގެ ނުވަތަ ކުރުގެޅުމުގެ ގާބިލިއްޔަތު ލިބިފައިވާ ޓިޝޫ އެކެވެ. މަހުގެ ޓިޝޫ އުފެދެނީ ތުއްތު ދަރިފުޅު އުފެދިގެން އަންނަ މައި ތިންފަށަލައިން މެދުގައި އިންނަ ފަށަލަ ”މީސޯޑާރމް” (Mesoderm) އިންނެވެ. މަސް ތަކުގެ ބޭނުމަކީ ހަށިގަނޑު ބާރު އުފައްދައި، ހަށިގަނޑު އެކި ގޮތްގޮތަށް ލަންބައި، ހަރަކާތްތެރިވެ އުޅުމުގައި އެހީތެރި ވުމެވެ.

ގިނަ ފަހަރު މަސްތައް ކޮންޓްރެކްޓްވަނީ އަހަރެމެންނަށް އެގުމަކާ ނުލައެވެ. މިސާލަކަށް ހިތުގެ ވިންދުޖެހުން، އަދި ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ދައުރުވުން ފަދަ ކަންކަމަކީ އަހަރެމެންގެ އިޚްތިޔާރަކާ ނުލާ އޭގެ ޒާތުގައި ހިންގާ ކަންތައްތަކެވެ. ހަށިގަނޑުގެ ހަރަކާތްތައް ކުރުމުގައި މަސްތައް ފިތި، ކުރުގެޅި، ހަމައަކަށް އެޅޭ އެޅުމަކީ އަހަރެމެންގެ ބާރުގެ ދަށުން ހިނގާ ކަންތައްތަކެވެ.

ހަށިގަނޑުގެ ބޭރުފުށަށް ފެންނަން ހުންނަ މަސްތަކާއި، އެތެރެހަށީގެ ބައިތަކުގައި ހުންނަ މަސްތަކާއި، އަދި ހިތުގައި ހުންނަ މަސްތައް އެކަތި އަނެކައްޗާއި، ތަފާތުތަކެއް ހުރެއެވެ.

އިންސާނާގެ ހަށިގަނޑުގައިވާ މަސްތަކުގެ ވައްތަރުތައް

އިންސާނާގެ ހަށިގަނޑުގައި ތަފާތު 3 ވައްތަރެއްގެ މަސްތައް ހުރެއެވެ. އެއީ:-

  • ހަށިގަނޑުން ބޭރަށް ފެންނަން ހުންނަ މަސްތައް
  • އެތެރެހަށީގެ ބައިތަކުގައި ހުންނަ މަސްތައް
  • ހިތުގައި ހުންނަ މަސްތައް

(ހ) – ހަށިގަނޑުން ބޭރަށް ފެންނަން ހުންނަ މަސްތައް

ހަށިގަނޑުން ބޭރަށް ފެންނަން ހުންނަ މަސްތައް ނުވަތަ “ކަށިތަކުގައި ހަރުލާފައިވާ މަސް”(Skeletal muscle) އަކީ ހަށިގަނޑުގައިވާ ކަށިތަކާއި ހަރުލައި، ތަތްވެފައި ހުންނަ މަސްތަކަށެވެ. އަހަރެމެންނަށް ހަރަކާތްކުރެވެނީ މިމަސްތަކުގެ އެހީގައެވެ. ނުވަތަ މިމަސްތައް ބޭނުންކޮށްގެންނެވެ. މިވައްތަރުގެ މަހުގެ ސެލްތައް ހުންނަނީ ދިގުކޮށް ސިލިންޑަރެއްގެ ބައްޓަމަށް ބައިވަރު ނިއުކްލިއަސް ލާފައެވެ. މިބުނި ނިއުކްލިއަސްތައް ހުންނަނީ ސެލްގެ އަރިމަތީގައި ”ޕްލާޒްމާ މެންބްރޭން”(plasma membrane) ގެ ދަށުގައެވެ. އެހެންކަމުން މަސް ފައިބަރު ގެ މެދު ހުންނަނީ ”މަޔޯފިބްރިލް”(Myofibril) އަށް ޖާގަ ދިނުމަށްޓަކައި ހުސްކުރެވިފައެވެ. ކުރިން ބުނެވުނު ނިއުކްލިއަސް ގެ ދިގުމިނުގައި ބައެއް ފަހަރު 35 ސމ ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ.

މަސް ގަނޑުގެ ދެކޮޅު ހަށިގަނޑާއި ތަތްވެފައި އިންނައިރު ހަށިގަނޑު މެދުބައި ނުވަތަ ނާރެސް އާއި ކައިރީގައި ކަށިގަނޑުގައި މަސްގަނޑު ހަރުލާފައި ހުންނަ ބަޔަށްކިޔަނީ ”އޮރިޖިން”(Origin) އެވެ. އަދި ނާރެސް އާއި ދުރުގައިވާ ކަށިގަނޑުގައި މަސްގަނޑު ހަރުލާފައިވާ ބަޔަށް ކިޔަނީ ”އިންސާޝަން”(Insertion) އެވެ.

ސްކެލިޓަލް މަސަލްގެ ވައްތަރުތައް ބައިކުރެވިދާނެ ވަރަށް ގިނަގޮތްތައް ހުރެއެވެ. އެއްގޮތަކީ ”މަޔޯސިން”(Myosin) ގައި އެކުލެވޭ ޕްރޮޓީންގެ ވައްތަރު ބެލުމެވެ. މިގޮތަށް ބަލާއިރު ސްކެލިޓަލް މަސް ފައިބަރުތައް ދެބަޔަކަށް ބަހާލެވެއެވެ. ފުރަތަމަ ވައްތަރަކީ ރަތްކުލަ އަށް ހުންނަ ”ޓައިޕް1 ފައިބަރު” ތަކެވެ. މިވައްތަރުގެ މަސަލް ފައިބަރުތައް ވަރުދެރަވެ، ބާރުދިއުން ކުޑަވާނެއެވެ. އަނެއް ވައްތަރަކީ ހުދު ކުލައަށް ހުންނަ ”ޓައިޕް2 ފައިބަރު” ތަކެވެ. މިވައްތަރުގެ މަސަލް ފައިބަރުތައް އަވަހަށް ވަރުދެރަވެ، ފަސޭހަކަމާއެކު ބާރުދޫވާނެއެވެ.

ކަށިތަކުގައި ހަރުލާފައިވާ މަސްތައް މައިކްރޮސްކޯޕަކުން ބަލައިފިނަމަ އޭގައި ރޮނގު ތަކެއް (striations) ފެންނަން ހުންނާނެ އެވެ. މިމަސްތަކަކީ އަހަރެމެންގެ ބާރުގެ ދަށުގައި ފުރިހަމަ ކޮންޓްރޯލާއެކު މަސައްކަތްކުރާ މަސްކޮޅު ތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މިމަސްތައް ކޮންޓްރެކްޓްވުމަށް  ބާރުއަޅާދޭ ފަރާތަކީ ސިކުނޑިއާ ސްޕައިނަލް ކޯޑުން ނިކުމެފައިވާ ހަރަކާތް އުފުލައިދޭ ނާރު (motor nerves) ތަކެވެ.

(ށ) – ހިތުގައި ހުންނަ މަސްތައް

ހިތުގައި ހުންނަ މަސްތައް ނުވަތަ “ހިތަށް ޚާއްޞަ މަސް”(Cardiac muscle) ތަކަކީ އިންސާނާގެ ހިތުގައި އެކުލެވިގެންވާ މަހުގެ ބާވަތެވެ. ހިތުގައިވާ މަސްތަކުގެ ދައުރަކީ ލޭދައުރުކުރާ ނިޒާމްގެ ތެރެއަށް ހިތުން ލޭ ޕަމްޕްކޮށް، ލޭހޮޅިތަކުގެ ޒަރީޢާއިން ލޭ ހަށިގަނޑުގެ ބައިތަކަށް ފޮނުވައި ދިނުމެވެ. ހިތުގައި ހުންނަ މަސްތައް މައިކްރޮސްކޯޕަކުން ބަލައިފިނަމަ އޭގައި ރޮނގު ތަކެއް (striations) ފެންނަން ހުންނާނެ އެވެ. މިމަސްތަކަކީ އަހަރެމެންގެ އިޚުތިޔާރުން ބޭރުން އޭގެ ޒާތުގައި މަސައްކަތްކުރާ މަސްކޮޅު ތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

(ނ) – އެތެރެހަށީގެ ބައިތަކުގައި ހުންނަ މަސްތައް

އެތެރެހަށީގެ ބައިތަކުގައި ހުންނަ މަސްތައް ނުވަތަ “މަޑު މަސް”(Smooth muscle) ނުވަތަ “ހަށިގަނޑުގެ އެތެރޭގެ ބައިތަކުގައިވާ މަސް” ތަކަކީ އިންސާނާގެ އެތެރެހަށީގެ ބައެއް ގުނަވަންތަކުގެ ފާރުގައި ހުންނަ މަހުގެ ވައްތަރެވެ. މިގޮތުން މަޑުމަސް ހުންނަނީ ޢާއްމު ގޮތެއްގައި އެތެރޭގައި ހޮޅި ނުވަތަ މަގު ހެދިފައި ހުންނަ ގުނަވަންތަކުގައެވެ. މިސާލަކަށް ކާތަކެތި ހިނގާ ހޮޅި، ހިމަ ގޮހޮރު، ނުވަތަ ކުޑަ ގޮހޮރު،ބޮނޑު ގޮހޮރު، ފަދަ ގުނަވަންތަކުގައެވެ. މީގެ އިތުރުން މަސާނާ، ނޭވާލާ ނިޒާމްގެ ބައިތައް، ނަސްލު އުފައްދާ ނިޒާމް ގެ ބައިތަކުގައި ވެސް މަޑު މަސް ހުރެއެވެ.

އެތެރެހަށީގެ ބައިތަކުގައިވާ މަސްތައް މައިކްރޮސްކޯޕަކުން ބަލައިފިނަމަ އޭގައި ރޮނގު ތަކެއް (striations) ފެންނާކަން ނުހުންނާނެ އެވެ. މިމަސްތަކަކީ އަހަރެމެންގެ އިޚުތިޔާރުން ބޭރުން އޭގެ ޒާތުގައި މަސައްކަތްކުރާ މަސްކޮޅު ތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މަޑުމަހުގެ ބައެއް މަސްކޮޅުތައް އޭގެ ޒާތުގައި އެއާ ގުޅިފައިވާ ނާރެއް ހީވާގިވުމުން އޭގެ މަސައްކަތް ފަށާއިރު، އަނެއް ބައި މަސްކޮޅުތައް ހޯރމޯން އެއްގެ ނުފޫޒު ފޯރުމުން ވެސް މަސައްކަތް ކުރަން ފަށައިފާނެ އެވެ. މިސާލަކަށް އެޑްރީނަލް ގްލޭންޑް އިން “އެޑްރީނަލިން” ހޯރމޯން ދޫކުރުމުން ނޭވާލާ ހިނގާ މަގު ފުޅާވާގޮތް ވެއެވެ.

އެތެރެހަށީގެ ގުނަވަންތަކުގެ ފާރުގައި މިފަދަ މަސްކޮޅުތައް އެތުރިފައި ހުންނަނީ ޝީޓު ތަކެއް ހެންނެވެ. އެއީ އެފަދަ ގުނަންތަކުގެ ތެރެއިން ތަފާތު މާއްދާތައް ބޭނުންވާ ހިސާބަށް ގެންދިއުމަށް(މިސާލަކަށް ކާތަކެތި ގޮހޮރުގެ ތެރޭގައި ދައުރުވަމުން ދިއުން) އެގުނަވަނެއްގެ ވަށަމިނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް އެހީތެރިވެ ދިނުމަށްޓަކައެވެ.

އެތެރެހަށީގެ ބައިތަކުގައިވާ މަސްކޮޅު ތައް ކަށީގައި ހަރުލާފައިވާ މަސްކޮޅުތަކަށްވުރެ ކޮންޓްރެކްޓް ވާލެން ލަސްވާނެ އެވެ. އަދި ގިނައިރު ކޮންޓްރެކްޓްވެފައި ހުންނާނެ އެވެ. މިފަދަ މަސްކޮޅު ތައް ހުންނަ ބައެއް ހިސާބުތަކާ، ފުރިހަމަކޮށްދޭ މަސައްކަތްތައް ތިރީގައި މިވަނީ އެވެ.

  • ނޭވާލާ ހިނގާ މަގުގެ ބައިތަކާ، ލޭހޮޅިތަކުގެ އެތެރޭގެ ވަށަމިން ތަންޒީމުކޮށް ކޮންޓްރޯލްކުރުން
  • ހަޖަމުކުރާ ނިޒާމް، ގުރުދާއިން މަސާނާއަށް ކުޑަކަމުދާ ތަކެތި ގެންދާ ހޮޅި ފަދަ ތަންތަނުގައި މާއްދާތައް އެއްތަނުން އަނެއްތަނަށް ގެންދިއުން
  • މަސާނާ އަދި ރަހިމުގައި ހުންނަ ތަކެތި ބޭރުކޮށްލުން

ނޯޓް: މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

މިވެސް މުހިންމު