ލިޔުނީ: އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު
އެންމެ ފުރަތަމަ ޢަރަބި ބަހުން ޤުރުއާން ލިޔެވުނު އިރު އޭރު ޤުރުއާނުގައި އެއްވެސް ތިއްކެއް ނުވަތަ ފިއްޔެއް ނުޖަހައެވެ. ލިޔެވިފައި ހުންނަނީ މަތީގައިގައިވާ ފޮޓޯގައި ފެންނަން އެހެރަ ގޮތަށެވެ.
އެޔަށްފަހު ޤުރުއާނުގައި އެންމެ ފުރަތަމަ ފިލީގެ ގޮތުގައި ބޭނުންކުރެއްވުމަށް ނުކުތާ ޖެއްސެވީ ތާބިޢީ ބޭކަލެއްކަމަށްވާ އަބޫ އަސްވަދުއް ދުއަލީ ރަޙިމަހުﷲއެވެ. އެކަލޭގެފާނު ޖެއްސެވީ އަބަފިއްޔަށް މަތީގައި ރަތްތިއްކެއް އަދި އިބިފިއްޔަށް ތިރީގައި ތިއްކެއް އަދި އުބުފިއްޔަށް އަކުރުގެ މަތީގައި އަރިމަތީގައި ތިއްކެކެވެ. ތިރީގައިވާ ދޭއްޖަހާފައިވާ ލިޔުންކޮޅުގައި އެވަނީ އޭގެ މިސާލެކެވެ.
އެކަލޭގެފާނަކީ އެންމެ ފުރަތަމަ ޢަރަބި ބަހުގެ ޤަވާޢިދު އެކުލަވާލެއްވި ބޭފުޅާގެ ގޮތުން މަޝްހޫރުވެފައިވާ ބޭފުޅާއެވެ. އެކަލޭގެފާނު އުޅުއްވީ ޢަލީ ރަޟިޔަﷲ ޢަންހާއި އެކުގައެވެ. އަދި އަވަހާރަވީ ހިޖުރީ ސަނަތުން 69 ވަނަ އަހަރުއެވެ. (އެއީ މީލާދީ ގޮތުން 688 ވަނަ އަހަރު ހިސާބެވެ).
އެޔަށްފަހު މިހާރު މިފެންނަ ގޮތަށް ފިލިޖެއްސެވީ އަލްޚަލީލު ބިން އަޙުމަދު އަލްފަރާހީދީ ރަޙިމަހުﷲއެވެ. އެކަލޭގެފާނު އުބުފިއްޔާއި އަބަފިއްޔާއި އިބިފިލިޖެއްސެވިއެވެ. އަދި އަކުރުތައް ވަކިކުރަން ތިކިޖެއްސެވިއެވެ.
މަތީގައިވާ ފޮޓޯގައި ހަތަރެއްގައި އެފެންނަނީ އެކަލޭގެފާނު ފިލިޖެއްސެވި ގޮތުގެ މިސާލެކެވެ.
އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތީ 173 ހިޖުރީ ސަނަތުގައެވެ. އެއީ ގާތްގަނޑަކަށް މީލާދީ ސަނަތުން 789 ވަނަ އަހަރުއެވެ.
އެޔަށްފަހު ފޮތްތަކަށާއި އަދި ޙިޒުބުތަކަށް ބެއްސެވީ ނަޞްރު ބިން ޢާޞިމް އަދި ޔަޙުޔާ ބިން ޔަޢުމަރު ރަޙިމަޙުމަﷲއެވެ. އެއީ ޙައްޖާޖު ބިން ޔޫސުފުގެ ބެލުމުގެ ދަށުގައެވެ. އެއީވެސް ތާބިޢީ ބޭކަލުންގެ ދުވަސްވަރުގައެވެ.
(މަތީގައިވާ މަޢުލޫމާތުގެ މަޞްދަރު: އިސްލާމްވެބް.)
އިނގިރޭސި ވިލާތުން ފެނުނީ އެންމެ މުސްކުޅި ޤުރުއާނުގެ ކޮޕީއެއްތަ؟
ބަރމިންހަމް ޔުނިވަރސިޓީއިން ވަރަށްފަހުން ފެނުނު ޤުރުއާނުގެ ކޮޕީއަކީ ދުނިޔޭގައި އޮތް އެންމެ މުސްކުޅި ޤުރުއާން ކޮޕީކަމަށް ވަރަށް ފަހުން އަޑުއަރައިގެން ދިޔައެވެ. އެމީހުންގެ ޙުއްޖަތަކަށްވީ އޭގެ ކާރބަން ޑޭޓިންއިން ދައްކާ ތާރީޚެވެ. ނަމަވެސް ދެ ސަބަބަކާއި ހެދި އެއީ އެންމެ ގިނަދުވަސްވެފައިވާ ކޮޕީ ނޫންކަމުގައި ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް ފުރަތަމަ ޤަރުނުގެ ކޮޕީއަކަށް ވުންގާތެވެ.
ހ. ކާރބަންޑޭޓިންއިން އެލިޔެފައިވާ އެތީގެ މުއްދަތު އެމީހުން ހާމަކުރާ މުއްދަތު، އެއީ ޤުރުއާން އޭގައި ލިޔެވިފައިވާތާ އެވަރަށް ދުވަސްވެފައިވާ ކަމަށް ހެއްކެއްނުދެއެވެ. ސަބަބަކީ އެއިން އެނގެނީ އޭގެ އުމުރުކަމުގައިވާތީއެވެ.
ށ. އޭގެ ފެންނަން ހުރި ކޮޕީތަކުގައި އަކުރުތަކުގައި ތިކި އަދި ރަތްތިކިވެސް ޖެހިފައި އެބަހުއްޓެވެ. މިއީ އެންމެ ފުރަތަމަ ލިޔެވުނު ޤުރުއާން ކޮޕީތަކުގައި ބޭނުންކުރެވުނު އެއްޗެއްސެއްނޫނެވެ. ތިކިޖެހުނީ މަތީގައިވާ ފަދައިން ޢަލީގެފާނުގެ އަރިސްބޭކަލެއްކަމުގައިވާ އަބޫ އަސްވަދުއް ދުވަލީއެވެ. އެއި ޢަލީގެފާނުގެ އަމުރުފުޅަށެވެ.
وصلى الله وسلم على مخمد و آله صحبه أجمعين. آمين.
ބަލާފައިވާ ޢަދަދު:285,318