މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
އެ ބޭކަލެއްގެ އަތްޕުޅުމައްޗަށް، ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގެންނެވި ބޭކަލަކީ ދިވެހިންގެ ހިތްތަކުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ މާތް ޝަޚުޞިއްޔަތެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. މި މަޒުމޫނުގައި އަލިއަޅުވާލާފައި މިވަނީ، އެ މާތް ޝަޚުޞިއްޔަތުގެ މައްޗަށެވެ. ޚާއްޞަކޮށް، އެ މާތް ޝަޚުޞިއްޔަތުގެ ނަންފުޅުގެ މައްޗަށެވެ. މި މަޒުމޫނުގެ މަޞްދަރަކީ، އެއީ ކޮން ބޭކަލެއްކަން ދެނެގަތުމަށްޓަކައި ކުރި ދިރާސާއެކެވެ.
ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ ތެރޭގައި ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގެންނެވި ކަމަށް މުޢުތަބަރު މަޞްދަރުތަކުގައި ވެއެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. ތާރީޚީ ނަޒަރަކުން ބަލާއިރު، ދިވެހިރާއްޖެ އަކީ، (މިނިވަން މުސްތަޤިއްލު) މުސްލިމު ޤައުމެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅުއްވީ ދަރުމަވަންތަ ރަސްގެފާނެވެ. އިސްލާމްވެވަޑައިގަތުމަށްފަހު އެ ރަދުންގެ ނަންފުޅަކީ، މުޙައްމަދު ބްނު ޢަބްދިﷲ (محمد بن عبد الله) އެވެ.
އެ ބޭކަލެއްގެ އަތްޕުޅުމައްޗަށް ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގެންނެވީ ކޮން ބޭކަލެއްކަން ބަޔާންކޮށްދޭ މައިގަނޑު ތިން މަޞްދަރެއް ވެއެވެ. އެއީ، މާލޭ ހުކުރު މިސްކިތުގައި ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލަޔާއި، އިސްކަންދަރު ރަސްގެފާނު އެ މިސްކިތުގައި ބެހެއްޓެވި ފިލަޔާއި، އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވި “ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚު” (تَارِيخُ إسْلَام دِيبَا مَحَلّ) އެވެ، ކިއުނު ފޮތެވެ.
ތިން މަޞްދަރަށް ނަޒަރެއް:
މާލޭ ހުކުރު މިސްކިތުގެ މިޙުރާބުގޭގައި، ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލާގައި ލިޔެފައިވާ ލިޔުމުން އެނގޭ ގޮތުގައި، ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގަތީ، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީގެ އަތްޕުޅު މައްޗަށެވެ. އެ ލިޔުމުގައި މިކަން ބަޔާންކޮށްފައިވާ ޢިބާރާތުގައި ވެއެވެ.
(ووصل في هذا البلد ابو البركات يوسف البربري وأسلم السلطان على يده في شهر ربيع الآخر سنة ثمان وأربعين وخمسمائة)
މާނައަކީ، “އަދި މިރާއްޖެއަށް އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ވަޑައިގެންނެވިއެވެ. އަދި ފަސް ސަތޭކަ ސާޅީސް އަށްވަނަ އަހަރު، ރަބީޢުލްއާޚިރް މަހުގެ ތެރޭގައި އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ރަދުން އިސްލާމްވެވަޑައިގެންނެވިއެވެ.”
މިއީ، ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލާގައި، އެކަލޭގެފާނުގެ ނަންފުޅު ލިޔެވިފައިވާ ގޮތް ދައްކައިދޭ ތަސްވީރެކެވެ. މަތީގައިވަނީ، އަޞްލު ފިލައިން ނަގާފައިވާ ފޮޓޯއެވެ. އޭގެ ތިރީގައި ވަނީ، ނަންފުޅުގައިވާ އަކުރުތަކުގެ ބޭރުރޮނގު އެޅުމުން ޙާޞިލުވާ ނަތީޖާއެވެ.
މާލޭ ހުކުރު މިސްކިތުގައި އިސްކަންދަރު ރަސްގެފާނުގެ އަމުރުފުޅަށް ބެހެއްޓުނު ފިލާގައި ވެއެވެ.
(ووصل في هذا البلد ابو البركات يوسف التبريري وأسلم السلطان على يده في شهر ربيع الآخر سنة ثمان وأربعين وخمسمائة)
މާނައަކީ، “އަދި މިރާއްޖެއަށް އަބުލްބަރަކާތު ޔޫސުފުއް ތަބްރީރީ ވަޑައިގެންނެވިއެވެ. އަދި ފަސް ސަތޭކަ ސާޅީސް އަށްވަނަ އަހަރު، ރަބީޢުލްއާޚިރް މަހުގެ ތެރޭގައި އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ރަދުން އިސްލާމްވެވަޑައިގެންނެވިއެވެ.”
މިއީ، އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ފިލާގައި ނަންފުޅު ލިޔެވިފައިވާ ގޮތް ދައްކައިދޭ ތަޞްވީރެކެވެ.
އަލްޤާޟީ ޙަސަންތާޖުއްދީނު ލިޔުއްވި “ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚު” (تَارِيخُ إسْلَام دِيبَا مَحَلّ) އެވެ، ކިޔާ ފޮތުގައި ވެއެވެ.
(وكان اسلام هذا السلطان محمد واصحابه على يد الشيخ يوسف شمس الدين التبريري اثنا شهر ربيع الآخر سنة ثمان واربعين وخمسمائة من الهجرة)
މާނައަކީ، “އަދި މި އައްސުލްޠާން މުޙައްމަދު އާއި މި ރަދުންގެ އަރިހުގައި އުޅުއްވި ބޭފުޅުން އިސްލާމްވެވަޑައިގަތީ، ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރް މަހުގެ ތެރޭގައި، އައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރީރީ ގެ އަތްޕުޅު މައްޗަށެވެ.”
މި ޢިބާރާތުގައިވާ (اثنا شهر ربيع الآخر) އަކީ، “ރަބީޢުލްއާޚިރް މަހުގެ ތެރޭގައި” ކަމަށް ތަރުޖަމާކުރީ، (اثنا) އަކީ (أثناء) ކަމަށް ބަލައިގެންނެވެ. ޢިބާރާތުގެ މާނައާއި، ޢިބާރާތުގެ ސިޔާޤަށް ބަލާއިރު (اثنان) “ދޭއް” އަށްވުރެ ޞައްޙަކަން ބޮޑީ (أثناء) “ތެރޭގައި” ކަމަށް ފެންނާތީއެވެ.
އެކަލޭގެފާނަކީ، ފާރިސްކަރައިގެ ބޭކަލެއް ކަމަކަށް، ޙަސަންތާޖުއްދީނު ވިދާޅުވެފައެއް ނުވެއެވެ.
މިއީ، ޙަސަން ތާޖުއްދީނުގެ ފޮތުގައި ނަންފުޅު ލިޔެވިފައިވާ ފުރަތަމަ ތަން ދައްކައިދޭ ތަޞްވީރެކެވެ.
ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލާގައިވާ އަބުލްބަރަކާތު (ابو البركات) އަކީ އެކަލޭގެފާނުގެ ނަންފުޅެއް ނޫނެވެ. އެއީ ލަޤަބެކެވެ. އޭގައިވާ އަލްބަރްބަރީ (البربري) އަކީ، އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވާތަން ނުވަތަ ސަގާފަތު ބަޔާންކޮށްދޭ ލަފުޒެކެވެ. އެއީ ވެސް އެކަލޭގެފާނުގެ ނަންފުޅެއް ނޫނެވެ. އޭގައިވާ އެކަލޭގެފާނުގެ ނަންފުޅަކީ، ޔޫސުފު (يوسف) އެވެ.
އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ފިލާގައި ވެސް އެކަލޭގެފާނުގެ ނަންފުޅުގެ މަޤާމުގައި ލިޔެވިފައިވަނީ ޔޫސުފު (يوسف) އެވެ. އޭގައިވާ އައްތަބްރީރީ (التبريري) އަކީ، ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލައިން ނަކަލުކުރިއިރު ލިޔެވިފައިވާ ކުށެކެވެ. މާލޭ ހުކުރުމިސްކިތުގައި އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި އެހެން ލިޔުންތަކުގައި ވެސް މިފަދަ ކުށްތައް ލިޔެވިފައި ވެއެވެ.
އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވި ފޮތުގައިވާ ޝަމްސުއްދީން (شمس الدين) އަކީ އެކަލޭގެފާނުގެ ނަންފުޅެއް ނޫނެވެ. އެއީ ލަޤަބެކެވެ. އޭގައިވާ އައްތަބްރީރީ (التبريري) އަކީ، އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ފިލައިން ކުރެވިފައިވާ ނަކަލެކެވެ. އެ ފޮތުގައިވާ އެކަލޭގެފާނުގެ ނަންފުޅަކީ، ޔޫސުފު (يوسف) އެވެ.
މި ތިން މަޞްދަރުގައިވާ ތިން ޢިބާރާތުގައި، އެކަލޭގެފާނުގެ ޙަޤީޤީ ނަންފުޅު ކަމަށް ލިޔެވިފައިވަނީ ހަމަ އެއް ނަންފުޅެކެވެ. އެއީ، ޔޫސުފު (يوسف) އެވެ. އެކަލޭގެފާނުގެ ނަންފުޅަކީ، “ޔޫސުފު” ކަމަށް މި ތިން މަޞްދަރު އިއްތިފާޤުވެއެވެ. އެހެންކަމުން މި ތިން މަޞްދަރުގެ އަލީގައި އެކަލޭގެފާނުގެ ނަންފުޅަކީ، ޔޫސުފުކަން އެއްވެސް އޮޅުމެއްނެތި އެބައެނގެއެވެ.
އަޞްލު ޔޫސުފު
ދިވެހިރާއްޖެ އިސްލާމްކުރެއްވި މާތް ޝަޚުޞިއްޔަތުގެ ނަންފުޅު ބަޔާންކޮށްފައިވާ ނަންގަނެވިދިޔަ ތިން މަޞްދަރުގެ އިތުރުން، އެހެން މަޞްދަރުތަކެއް ވެސް ވެއެވެ. އެއިން އެންމެ މުހިންމު އެއް މަޞްދަރަކީ، ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތައް އިސްލާމްވި ގޮތުގެ ވާހަކައެވެ. އެ ވާހަކަ އެތައް މަޞްދަރެއްގައި ބަޔާންވެފައި ވެއެވެ. ދެކުނުގެ އަތޮޅުތައް އިސްލާމްކުރެއްވި ބޭކަލެއް ކަމަށް އޭގައި ބަޔާންވެފައިވާ ބޭކަލަކީ، “ޔޫސުފު” (يوسف) އެވެ. ދިވެހިރާއްޖެ ރަސްމީ ގޮތުން އިސްލާމްވުމުގެ 27 އަހަރު ކުރިން، އެކަލޭގެފާނު، ދެކުނުގެ ތިން އަތޮޅުގައި އިސްލާމީ ހިދާޔަތު ފެތުރުއްވެވުމުގެ މަސައްކަތް ފަށްޓަވާފައިވާކަން އެ ވާހަކައިން އެނގެއެވެ. އެ ތިން އަތޮޅަކީ، އައްޑުއަތޮޅާއި، ފުވައްމުލަކާއި، ހުވަދުއަތޮޅެވެ.
ސ. މީދޫ ސޭފުގޭ އިބްރާހީމް އަޙްމަދު ދީދީ ލިޔުއްވި ފޮތަކުން ނަންގަވައިގެން، (raiyvilaage.wordpress.com) ގައި ޝާޢިޢުކުރައްވާފައިވާ ލިޔުމެއްގައި ވެއެވެ.
އާދެ، އައްޑު އަތޮޅު މީދޫއަކީ، ހޯދުން ތަކުން އެނގޭ ގޮތުގައި ދިވެހި ރާއްޖެއިން އެންމެ ފުރަތަމަ އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނު ރަށެވެ. މިކަމަށް މެދުވެރިވި ސަބަބަކީ ހިޖުރީ ގޮތުން 519 ވަނަ އަހަރުގެ ތެރޭގައި ބޭރުން އައިސް އައްޑޫ މީދޫ އަށް ހިޖުރަ ކުރެއްވި ބޭކަލަކު އެ ރަށުގައި ވަޒަންވެރިވެވަޑައިގަތުމާއި، އޭނާގެ ދަރިކަލުން މީދޫގެ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަތުމެވެ. މި ހިޖުރަ ކުރެއްވި ބޭކަލަކާމެދު، އަލްޢައްލާމާ އަޙްމަދު ޝިހާބުއްދީން ލިޔުއްވި “ފީ އާޘާރިލް ޤަދީމިލް މީދުވީ” އެވެ، ކިޔުނު ފޮތުގައި ބަޔާންކުރައްވާފައި ވެއެވެ.
އެ ހިޖުރަ ކުރެއްވި ބޭކަލުންނަކީ، ޔޫސުފް ޤާދިރު އައްޞަންޢާއީ އަލްޔަމަނީ (يوسف قادر الصنعائي اليمني) އާއި، އެކަލޭގެފާނުގެ އަނބިކަނބަލުން ނުސައިބާ (نُسَيبة) އައްސަލަމީ އާއި، އެ ދެކަނބަލުންގެ ދަރިކަލުން ސުލައިމާނު ޤާދިރު (سليمان قادر) އެވެ. އަދިވެސް އެތައް ބަޔަކު އެބޭކަލުންނާއެކުގައި އައިކަމަށް ވެއެވެ.
މި ބޭކަލުން މީދުއަށް ދުރުވީ 17 ރަމަޟާން 519 (1121 މ. ވަނަ އަހަރުގެ އޮކްޓޫބަރުގެ ތެރޭގައެވެ.) މި ބޭކަލުން މީދޫއަށް ފައިބާވަޑައިގެން ތިއްބެވީ އެޅެހާރުގެ ދޮރާބޫގެ ގޭގެ އާއި ކަޅިހާރުގެ ގޭގައެވެ. މި ދުވަސްވަރު މި ރަށު މީހުން އަޅުކަން ކުރަނީ ބުދަށެވެ. ޤާދިރުގެ ޢާއިލާގެ ބޭފުޅުން ތިއްބެވި ގޭގެ ވެރިމީހާ ދޮރާބޫއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި ޢަރަބި ބަހާއި ފާރިސީ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާ ހުންނެވީ އިސްލާމް ދީނަށް ވެދެވަޑައިގެން، ރަށުގެ މީހުންނަސް އެކަން ސިއްރުކުރައްވައިގެންނެވެ. އޭނާ އިސްލާމްވެވަޑައިގެންނެވީ ފާރިސް ކަރައިގެ ޔާސިރު އައްނަމްރޫޒީގެ ނަމްރޫޒުގެ ދަރިކަލުން އަލްޙާފިޡު ޢާމިރުގެ އަތްޕުޅު މައްޗަށެވެ.
މި ދޮރާބޫގެ ފަރާތުން ޔޫސުފު ޤާދިރަށް ވަނީ، އެދުވަސް ވަރު މާލޭގައި ހިނގާ ބިރުވެރި ކަމެއްގެ ވާހަކަ އިވިވަޑައިގެންފައެވެ. އެއީ ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ، ކަނޑުން އަރާ ރަންނަމާރި ދޭވީއަށް ބިކުރުވެރި އަންހެން ކުއްޖަކު ޤުރުބާން ކުރާ ވާހަކައެވެ. މި ވާހަކަ ޔޫސުފް ޤާދިރަށް އިވިވަޑައިގެން ވިދާޅުވިއެވެ. “سبحان الله އެވެ. ތިޔައީވާ ހާދަ ފިތުނަވެރި ޢަމަލެކެވެ.” އަދި ވިދާޅުވިއެވެ. “އެތަނަށް އަހަރުމެން ދިއުމުގެ ކުރިން މި ރަށުގެ މީހުންނަށް ހިދާޔަތަށް ގޮވުމަށް އެބަޖެހެއެވެ. މި ރަށު މީހުންނަށް ތެދުމަގު ލިބުމުން އެހެން ރަށަކަށް ދެވިދާނެއެވެ.”
ޔޫސުފުގެ މަސައްކަތްޕުޅުން، ރަށުގެ އެންމެ ބޮޑު ފާދިރީ (ވެރިމީހާ) ކަޅިހާރުގެ ދަރިކަލުން ޗަންދުހާރު އިސްލާމްވެވަޑައިގަތެވެ. އަދި ޔޫސުފު ޤާދިރު ފެށްޓެވި އިސްލާމް ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރަޖަބު މަހުގެ ރެއެއްގައި ހުރިހާ ބުދުތަކާއި ވޭރުތައް ތަޅުއްވަން (ޔޫސުފު) ޤަޞްދުކުރެއްވުމުން، އެ މަސައްކަތުގައި ޗަންދުހާރު ބައިވެރިވެވަޑައިގެންނެވިއެވެ. މި މައްސަލައާއި ގުޅިގެން ރަށުގެ ރައްޔިތުން ރުޅި އައިސް ޝަކުވާ ކުރިއެވެ. ނަމަވެސް މި މަސައްކަތުގައި އިސްވެ ޙަރަކާތްތެރިވެ ވަޑައިގެންނެވީ ރަށުގެ ވެރިމީހާ ކަޅިހާރުގެ ފިރިހެން ދަރިކަލުން ކަމަށް ވުމުން، މައްސަލަ ހޫނުވިޔަނުދީ އޭނާގެ ކޮންޓްރޯލުގެ ދަށަށް ރައްޔިތުން ގެންދެވިއެވެ.
ނަންގަނެވިދިޔަ މަޞްދަރުން ނަކަލުކުރި ޢިބާރާތްތައް މިހިސާބަށް ނިމުނީއެވެ. މި ޢިބާރާތްތައް ނަކަލުކޮށްފައިވަނީ، ބަހަވީ ކުށްތައް އިޞްލާޙުކޮށްގެންނެވެ.
މި ޢިބާރާތްތަކާމެދު ފިކުރު ހިންގައިލުމުން ލައްކަގިނަ ކަންކަން އެބަ މޭރުންވެއެވެ. އެއިން އެންމެ މުހިންމު އެއްކަމަކީ، މާތްވެގެންވާ އިސްލާމްދީނަށް ގޮވައިލެއްވުމަށްޓަކައި ފުރަމާލެއަށް ވަޑައިގަންނަވާނެ ކަމުގެ ވިސްނުންފުޅު ޔޫސުފު ހާމަކުރެއްވި ކަމެވެ. އަނެއް ކަމަކީ، އެކަލޭގެފާނު އެކަން ކުރެއްވުމަށް ނިންމެވި ގޮތެވެ. އާދޭހެވެ. އައްޑުއަތޮޅުގައި އެކަލޭގެފާނު ހުންނެވި ރަށުގައި ނުވަތަ އައްޑުއަތޮޅުގައި އިސްލާމީ ހިދާޔަތު ފެތުރުއްވެވުމަށްފަހުގައި މެނުވީ މާލެއަށް ވަޑައިނުގެންނެވުމަށް ނިންމެވި ނިންމެވުމެވެ. މިއިން އެނގޭ އެއްޗަކީ، މާލޭގައި އޮތް ރާއްޖޭގެ ވެރިކަމާ ހަމައަށް އިސްލާމީ ހިދާޔަތު ފޯރުކޮށްދެއްވުމުގެ ކުރިން، އެކަލޭގެފާނަށް ޙިމާޔަތް ލިބިވަޑައިގަންނަވާނެ އިސްލާމީ ސަންތެއް، ރާއްޖޭގެ ދެކުނުގައި އެކަލޭގެފާނު އާރާސްތުކުރެއްވި ކަމެވެ!
ބަރްބަރީގެ ޙަޤީޤަތް
ޢަރަބީން ނޫން އެހެން އެންމެންނަށް ޢަރަބީން ކިޔަނީ ޢަޖަމީންނެވެ. އޮގޮތަށް ޔޫނާނީން ނޫން މީހުންނަށް ޔޫނާނީން ކިޔައިއުޅުނީ ބަރްބަރީންނެވެ. އަދި ރޫމީން ނޫން މީހުންނަށް ރޫމީން ވެސް ކިޔައިއުޅުނީ ބަރްބަރީންނެވެ. އެ ލަފުޒު، ރޫމީ ސަގާފަތަށް ވާރުތަވީ، ޔޫނާނީ ސަގާފަތުންނެވެ. ޔޫނާނީންނާއި، ރޫމީން އެ ލަފުޒު ބޭނުންކޮށްފައިވަނީ، އެމީހުންނަށް ބަސް ނޭނގޭ އެހެން ޤައުމުތަކުގެ މީހުން ސިފަކުރުމަށްޓަކައެވެ. އެހެންކަމުން، ޔޫނާނީންނަށް ނުވަތަ ރޫމީންނަށް އެ ބަޔެއްގެ ބަސް ނޭނގޭ ކޮންމެ ބަޔަކަށް، ބަރްބަރީންގެ ނަމުން ނަންދީފައި ވެއެވެ.
ރޫމީންގެ ނުފޫޒުގެ ދަށުގައި އެފްރިކާ ބައްރުގެ ހުޅަނގު ސަރަޙައްދު އޮތް އިރު، ރޫމީން ވަނީ، އެ ސަރަޙައްދުގެ މީހުންނަށް ބަރްބަރީންގެ ނަމުން ނަންދީފައެވެ. އެއަށްފަހު، ރޫމީންގެ އަޅުވެތިކަމުގެ ނުފޫޒުގެ ދަށުން އެ މީހުން މިނިވަންކޮށްދިނީ އިސްލާމީ ފުތޫޙާތެވެ. ނަމަވެސް އިސްލާމީ ފުތޫޙާތަށްފަހުގައި ވެސް، ކުރިން އެމީހުންނަށް ދެވިފައިވީ ނަން ދެމިއޮތެވެ. އެހެންކަމުން އިސްލާމީ ތާރީޚުގައި ވެސް އެމީހުން ސިފަކުރެވެމުންދިޔައީ ބަރްބަރީންގެ ގޮތުގައެވެ. ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކީ މަޣުރިބުކަރައިގެ ބޭކަލެއް ކަމަށް އިބްނު ބަޠޫޠާގެ ފޮތުގައި ލިޔެވެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި މިކަން ހިމެނެއެވެ. މާލޭ ހުކުރު މިސްކިތުގައި ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލާގައި އެ ބޭކަލޭގެ ނަންފުޅު ލިޔެވިފައިވާއިރު، އެ ބޭކަލަކު ބަރްބަރަށް ނިސްބަތްކުރެވިފައިވާތީ، އިބްނު ބަޠޫޠާއަށް ހީފުޅުވީ އެއީ މަޣުރިބުކަރައިގެ ބޭކަލެއް ކަމަށެވެ.
ދުނިޔޭގައި އޭރު އޮތް ސަގާފަތާއި، ދިވެހިރާއްޖެ އޮތް ޙާލަތުގެ މައްޗަށް ރިޢާޔަތްކުރާއިރު، ފާހަގަކުރެވޭ ކަމެއް ވެއެވެ. އެއީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އިސްލާމީ ހިދާޔަތު ފެތުރުއްވެވި ޔޫސުފު ޤާދިރުގެ މައްޗަށް، އޭރު ރާއްޖޭގައި އިސްކޮށް ތިބި ބުޑިޒަމުގެ ދީނީ މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދިފައިވާނެ ކަމެވެ. އެހެންކަމުން އެކަލޭގެފާނު މާލެއަށް ވަޑައިގެން އުޅުއްވިއިރު، އެކަލޭގެފާނަކީ ޔޫސުފު ޤާދިރުކަން ނޭންގެވުމަށްޓަކައި އެކަލޭގެފާނަކީ، ޔޫސުފުލް ބަރްބަރީ ކަމަށް ވިދާޅުވުމަކީ ގަބޫލުކުރެވޭ ކަމެކެވެ. އެކަލޭގެފާނު އެހެން ވިދާޅުވިޔަސް އިތުރުފުޅެއް ހެއްދެވި ކަމުގައި ނުވާނެތީއެވެ. ދިވެހިރާއްޖެ އޮތް ސަރަޙައްދަށް ވެސް ވާޞިލުވެފައިވާ ރޫމީންގެ ސަގާފަތުގައި، ރޫމީން ފިޔަވައި އެހެން އެންމެންނަކީ، ބަރްބަރީން ކަމުގައި ވާތީއެވެ.
އާދޭހެވެ. ރޫމީންގެ ސަގާފީ ނަޒަރުން ބަލާއިރު، އައްޝައިޚުލް ޙާފިޡު ޔޫސުފު ޤާދިރަކީ، ބަރްބަރީއެކެވެ. އެކަލޭގެފާނު، ޔޫސުފު ޤާދިރުގެ ނަންފުޅުގައި މާލެއަށް ވަޑައިގަތުމަކީ، އެކަލޭގެފާނަށް ނުރައްކާވެދާނެ ކަމެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އޭރު އިސްލާމްދީނާ ދެކޮޅަށް މިރާއްޖޭގައި ތިބި ބުޑިޒަމުގެ އިސް ހާމުދުރުން ޢަމަލުކޮށްފައިވާ ގޮތުންނެވެ. އެހެންވީމާ، އެމީހުން ނަޒަރުން ނެއްޓިވަޑައިގަތުމަށްޓަކައި، ޔޫސުފުލް ބަރްބަރީ އެވެ، ކިޔާ ސައްޔާޙެއްގެ ގޮތުގައި އެކަލޭގެފާނު މާލެއަށް ވަޑައިގެންނެވުމަކީ ގަބޫލުކުރެވޭ ކަމެކެވެ.
ނަންފުޅުތައް
އެކިއެކި ލިޔުންތަކުގައި، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީގެ ނަންފުޅުތައް ލިޔެވިފައިވާއިރު، އެކިއެކި ލަޤަބުތައް އިތުރުކުރެވިފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން މުޢުތަބަރު ލިޔުންތަކުގައި އެކަލޭގެފާނުގެ އަޞްލު ނަންފުޅު ހިމެނިފައި ވެއެވެ. ލަޤަބުތަކާއެކު ބަޔާންކުރެވެނީ އެ ނަންފުޅެވެ. ތިރީގައި މިވަނީ، ބައެއް މަޞްދަރުތަކުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާންކުރެވިފައިވާ ގޮތުގެ ނަމޫނާތަކެކެވެ.
- ޔޫސުފު ޤާދިރު
- ޔޫސުފު ނައިބު
- އައްޝައިޚު ޔޫސުފު
- އައްޝައިޚު ޔޫސުފުލް ބަޣުދާދީ
- އައްޝައިޚު ޔޫސުފުލް ޔަމަނީ
- އައްޝައިޚުލް ޢާލިމް ޔޫސުފުލް ޙަޟުރަމީ
- އައްޝައިޚުލް ޙާފިޡު ޔޫސުފުލް ޤާދިރީ
- އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ
- އަބުލްބަރަކާތު ޔޫސުފުއް ތަބްރީރީ
- އައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރީރީ
- އައްޝައިޚު ޔޫސުފުއް ތަބްރީޒީ
- މައުލާނަލް ޙާފިޡު އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ
ދިވެހިންގެ ދޫދޫމަތިން ވާރުތަވެފައިވާ އެކަލޭގެފާނުގެ އެއް ނަންފުޅަކީ، ތަބްރޭޒުގެފާނެވެ. އެހެނަސް “ތަބްރޭޒުގެފާނު” އަކީ، އެކަލޭގެފާނުގެ ޞައްޙަ ނަންފުޅެއް ނޫނެވެ. ޞައްޙަ ނޫން ކިތަންމެ އެއްޗެއް ދިވެހިންގެ ދޫދޫމަތިން ވާރުތަވެފައިވާކަން މިތާނގައި ފާހަގަކުރަމެވެ. އެކަލޭގެފާނު ތަބްރީޒުގެ ބޭކަލެއް ކަމަށް ހީކޮށް، އެކަލޭގެފާނު އެ ރަށަށް ނިސްބަތްކުރެވުނު ސަބަބުތަކެއް ވެއެވެ. އެއިން އެއް ސަބަބަކީ އެކަލޭގެފާނު ފާރިސީ ބަހުން ވާހަކަފުޅު ދެއްކެވުމެވެ. އަނެއް ސަބަބަކީ، އެކަލޭގެފާނުގެ ނަންފުޅާ އެއްގޮތް އެހެން ބޭކަލުން ތަބްރީޒުން ފާޅުވެ މަޝްހޫރުވެފައިވުމެވެ.
ދީނީ ބަސްކޮށާރަށް ނަޒަރެއް
މާލޭ ހުކުރު މިސްކިތުގައި ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލާގައި ލިޔުއްވާފައިވަނީ، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ (ابو البركات يوسف البربري) އެވެ. މިނަންފުޅު، އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ފިލަޔަށް ނަކަލުކުރެވުނުއިރު ލިޔެވިފައިވަނީ، އަބުލްބަރަކާތު ޔޫސުފުއް ތަބްރީރީ (ابو البركات يوسف التبريري) އެވެ. އެއަށްފަހު، އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ފިލާގައިވާ ގޮތަށް، އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވި ފޮތަށް އެ ނަންފުޅު ނަކަލުކުރެވުނެވެ. ނަމަވެސް އެ ފޮތް އަތުލިޔުމުން ނަކަލުކުރުމުގެ ތެރޭގައި، އެ ނަންފުޅުގައިވާ “އައްތަބްރީރީ” (التبريري) ވަނީ، “އައްތަބްރީޒީ” (التبريزي) އަށް ބަދަލުވެފައެވެ. މިކަން މިހެން ދިމާވީ، އައްތަބްރީރީގައިވާ ދެވަނަ “ރާ” (ر) ގައި ނުކުތާއެއް ޖެހި، އެ އަކުރު “ޒާ” (ز) އަކަށް ބަދަލުވުމުންނެވެ.
މިކަން މިހެން ހިނގާފައިވާ ކަމުގެ މައްޗަށް ބަލައިލުމެއްނެތި، ބައެއް ފަރާތްތަކުން ކުރާ ދަޢުވާއެއް ވެއެވެ. އެ ދަޢުވާގައި ވަނީ، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކީ، އީރާނުގެ ތަބްރީޒުގެ ބޭކަލެއް ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށްޓަކައި ދެއްކޭ އެއް ޙުއްޖަތަކީ، އެކަލޭގެފާނު ތަބްރީޒަށް ނިސްބަތްކުރެވޭ ކަމެވެ. އަނެއް ޙުއްޖަތަކީ، އެކަލޭގެފާނު ގެނެސްދެއްވި ދީނީ ބަސްކޮށާރުގައި ފާރިސީ ބަސްތައް ހިމެނޭ ކަމެވެ.
ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކީ، ތަބްރީޒުގެ ބޭކަލެއް ކަމަށް ހީކުރެވެން މެދުވެރިވި އެތައް ސަބަބުތަކެއް ވެއެވެ. އެއިން އެއް ސަބަބަކީ، ފާރިސްކަރައިގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝަމްސުއްދީނުއް ތަބްރީޒީ (شمس الدين التبريزي) ގެ ޝުހުރަތު ދިވެހިރާއްޖެއަށް ވެސް ވާޞިލުވެފައިވުމެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ހިޖުރީ ސަނަތުން 582 ވަނަ އަހަރު އެވެ. އެއީ މީލާދީ ސަނަތުން 1185 ވަނަ އަހަރެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ މާކުރިން، ދިވެހިރާއްޖެ ވަނީ (548 ހ. – 1153 މ. ގައި) ރަސްމީ ގޮތުން އިސްލާމްވެފައެވެ. އެހެންކަމުން، ދިވެހިރާއްޖެ އިސްލާމްކުރެއްވީ އެކަލޭގެފާނު ނޫންކަން ވަރަށް ސާފުކޮށް އެބައެނގެއެވެ.
މަޝްހޫރު އަނެއް ޝަމްސުއްދީނަކީ، ޝަމްސުއްދީނު ޔޫސުފު އައްތަބްރީޒީ އަލްމަޣުރިބީ (شمس الدين يوسف التبريزي المغربي) އެވެ. މި ޝަމްސުއްދީނު، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ހިޖުރީ ސަނަތުން 749 ވަނަ އަހަރު، ތަބްރީޒުގެ އަވަށެއްގައި ކަމަށް ބުނެވެއެވެ. މި ޝަމްސުއްދީނަކީ، ފާރިސީ ބަހުންނާއި، ޢަރަބި ބަހުން ޅެން ހެއްދެވި މަޝްހޫރު ޝާޢިރެކެވެ. ޅެން ފޮތްތައް އެކުލަވައިލެއްވި މުޞަންނިފެކެވެ. ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅު، އިބްނު ބަޠޫޠާގެ ފޮތުގައި ލިޔެވުނުއިރު، މި ޝަމްސުއްދީނުގެ ނަންފުޅުން ވެސް އެއަށް އަސަރުކޮށްފައި ވެދާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ ދީނީ ބަސްކޮށާރުގައި ފާރީސީ ލަފުޒުތައް ހިމެނިފައިވަނީ، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކީ، ފާރިސްކަރައިގެ ތަބްރީޒު ބޭކަލަކަށް ވެގެނެއް ނޫނެވެ. އެކަމަކު އެބޭކަލަކު އިސްލާމްދީން އުނގެނިވަޑައިގަތީ، ޢަރަބި ބަހުންނާއި، ފާރިސީ ބަހުން ކަމުގައިވާތީއެވެ. އާދޭހެވެ. އައްޝައިޚުލް ޙާފިޡު ޔޫސުފަކީ، މާތް ވަލީވެރިޔާ އައްޝައިޚު ޢަބްދުލްޤާދިރުލް ޖީލާނީ (الشيخ عبد القادر الجيلاني) ގެ އަރިއަހުން ކިޔަވާވިދާޅުވި ޢިލްމުވެރި ދަރިވަރެކެވެ. އެކަލޭގެފާނު ބަޣުދާދުގައި ދީނީ ތަޢުލީމު ކިޔަވައިދެއްވަމުން ގެންދެވީ ދެ ބަހުންނެވެ. އެއީ، ޢަރަބި ބަހާއި ފާރިސީ ބަހެވެ. އެކަލޭގެފާނުގެ އަރިއަހުން އައްޝައިޚުލް ޙާފިޡު ޔޫސުފު ތަޢުލީމު ޙާޞިލުކުރެއްވީ އެ ދެ ބަހުންނެވެ. އެހެންވީމާ، އެކަލޭގެފާނުގެ ދީނީ ބަސްކޮށާރުގައި އެ ދެ ބަހުގެ ލަފުޒުތައް ހިމެނިފައިވުމަކީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަދި އެއީ، އެކަލޭގެފާނު ހަމައެކަނި އީރާނުގެ ތަބްރީޒަށް ނިސްބަތްކުރެވޭނެ ކަމެއް ވެސް ނުމެނޫންމެއެވެ.
އައްޝައިޚު ޔޫސުފުގެ ނަސްލު:
ދިވެހިރާއްޖެ އިސްލާމްކުރެއްވި މާތް ޝަޚުޞިއްޔަތަކީ، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީއެވެ. އެކަލޭގެފާނުގެ ނަސްލު ދިވެހިރާއްޖޭގައި އެބައޮތްކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެނީ، އެކަލޭގެފާނުގެ ނަސަބުނާމާގެ ގޮފިތައް ހެދިބޮޑުވެގެންދިޔަ ގޮތް ވަނީ ލިޔެވި ރަނގަޅަށް ބެލެހެއްޓިފައެވެ. ތިރީގައި މި ލިޔެލަނީ އެއިން ގޮތްޕެކެވެ. މި ގޮފިން ވަޑައިގެންނެވި އެންމެ ހައިބަވެތި އެއް ޝަޚުޞިއްޔަތަކީ، އައްޝައިޚުލް ޤާޟީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރު (އައްޑު ބޮޑު ފަނޑިޔާރުތަކުރުފާނު) އެވެ.
އާދޭހެވެ. އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނަކީ، އައްޝައިޚު ޔޫސުފު ނައިބު (އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ) ގެ، ސުލައިމާނު ޤާދިރުގެ، މުޙައްމަދު ޤާދިރު (ސޫރު ޤާދިރު) ގެ، ޢީސާ ޤާދިރުގެ، އަލްޙާފިޡު އަލްފަޤީހު ޔޫސުފު ނައިބުގެ، ޔަޙުޔާ ނައިބުގެ، ދޮން ކަދީދާބޫގެ، މަޙްމޫދު ނައިބުގެ، ދޮން ބުބޫގެ، ދޮން ފާޠިމާގެ، ކެއުޅާރުގެ، ދިޔަރެހިގެދަރު ސަންފާބީގެ، އައްޝައިޚުލް ޤާޟީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރު (އައްޑު ބޮޑު ފަނޑިޔާރުތަކުރުފާނު) އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނުގެ ނަސްލުން އައި އެންމެން ހިމެނޭނީ، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީގެ ދަރިފަސްކޮޅުގެތެރޭގައެވެ.
ޚިތާމް
1439 ވަނަ އަހަރު ފާހަގަކުރެވޭ، ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާބަތާ ގުޅުވައިގެން ލިޔުނު މި މަޒުމޫނުގެ މަޞްދަރަކީ، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކު ދެނެގަތުމަށްޓަކައި ކުރި ދިރާސާއެކެވެ. މި މަޒުމޫނުގައި ބޮޑަށް އަލިއަޅުވައިލީ އެ ބޭކަލެއްގެ ނަންފުޅުގެ މައްޗަށެވެ. އެކިއެކި ލަޤަބުތައް އިތުރުކޮށްގެން، ނުވަތަ އެކިއެކި ތަންތަނަށް ނިސްބަތްކޮށްގެން އެކަލޭގެފާނުގެ ނަންފުޅު ބަޔާންކުރެވިފައި ވެއެވެ. އަބުލްބަރަކާތާއި، ޝަމްސުއްދީނު ފަދަ ލަޤަބުތައް އެކަލޭގެފާނަށް ދެވިފައި ވެއެވެ. ބަރްބަރާއި، ތަބްރީޒަށް އެކަލޭގެފާނު ނިސްބަތްކުރެވިފައި ވެއެވެ. އެހެނަސް އެކަލޭގެފާނުގެ ޙަޤީޤީ ނަންފުޅަކަށް ބަދަލެއް ނާދެއެވެ. އެ ނަންފުޅަކީ، “ޔޫސުފު” (يوسف) އެވެ.
އާދޭހެވެ. މާލޭ ހުކުރު މިސްކިތުގައި ޝިހާބުއްދީނު ރަދުން ބެހެއްޓެވި ފިލާގައިވާ އެކަލޭގެފާނުގެ ނަންފުޅަކީ، “ޔޫސުފު” (يوسف) އެވެ. މާލޭ ހުކުރު މިސްކިތުގައި އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ފިލާގައިވާ އެކަލޭގެފާނުގެ ނަންފުޅަކީ ވެސް “ޔޫސުފު” (يوسف) އެވެ. އަލްޤާޟީ ޙަސަންތާޖުއްދީނު ލިޔުއްވި ފޮތުގައިވާ އެކަލޭގެފާނުގެ ނަންފުޅަކީ ވެސް “ޔޫސުފު” (يوسف) އެވެ. ދިވެހިރާއްޖެ އިސްލާމްވި ގޮތް ބަޔާންކުރާ ރާއްޖޭގެ ދެކުނުގެ ރިވާޔަތުގައިވާ އެކަލޭގެފާނުގެ ނަންފުޅަކީ ވެސް “ޔޫސުފު” (يوسف) އެވެ. އެހެން ލިޔެކިއުންތަކަށް އެކަލޭގެފާނުގެ ނަންފުޅު ނަކަލުކުރެވެމުންދިޔައީ މި މަޞްދަރުތަކުންނެވެ.
ދިވެހިރާއްޖެ އިސްލާމްކުރެއްވި ޝަޚުޞިއްޔަތަކީ، ދަރުމަވަންތަ ރަސްގެފާނުގެ ހިތްޕުޅަށް އިސްލާމީ ހިދާޔަތު ފޯރުކޮށްދެއްވި މާތް ޝަޚުޞިއްޔަތެވެ. އެ މާތް ޝަޚުޞިއްޔަތަކީ، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ (أبو البركات يوسف البربري) އެވެ. އެއްވެސް ޝައްކެއް ނެތި، އެކަލޭގެފާނުގެ ޙަޤީޤީ ނަންފުޅަކީ، “ޔޫސުފު” (يوسف) ކަން، މުޢުތަބަރު މަޞްދަތުތަކުން އެނގެއެވެ.
މާތް ﷲ، އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީއަށާއި، އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް އިސްލާމްވެވަޑައިގެންނެވި ދަރުމަވަންތަ ރަސްގެފާނަށް ރަޙްމަތް ލައްވައި، އެ ދެބޭކަލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!
<><><>
ކިޔާފައިވާ ޢަދަދު:285,318